ހދ. ފިނޭގައި ސަރުކާރުން ގާއިމު ކުރި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން، ސަރުކާރުގެ ބައެއް އިސް ބޭފުޅުން މިއަދު އެރަށަށް ވަޑައިގެން ވަނީ އެ ރަށުގައި އިމާރާތްކޮށްފައިވާ އާ އިންޖީނުގެވެސް ހުޅުވައިދެއްވައިފައެވެ.
އެކަމަށްޓަކައި ފިނޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފިނޭގައި އަސާސީ ހިދުމަތްތައް ގާއިމުކުރެވުމާ އެކު އެރަށް މިއަދު އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށަކަށް ވެފައި ކަމަށެވެ.
އަދި އެކަމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި އެ އަސާސީ ހިދުމަތްތަކާ އެކު ތަރައްގީގެ އިތުރު ފުރުސަތުތައް އެރަށުގެ ރައްޔިތުންނަށް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މީގެ ކުރިން، ފިނޭގެ ރައްޔިތުން ތަހައްމަލު ކުރަން ޖެހުނު ދަތިތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފިނޭގެ ތަރައްގީއަށް ދެން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ފިނޭގެ ބަނދަރުގެ މަސައްކަތް ކަމަށާއި އައެ މަޝްރޫއަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
ފިނޭގައި ތަރައްގީކުރި އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައި، އާ ކަރަންޓްގެ ވިއުގަވެސް ރައީސް ވަނީ އިފުތިތާހުކޮށްދެއްވައިފައެވެ. އަދި ރައީސް ވަނީ އިންޖީނުގެ އާއި އޮފީސް އިމާރާތް ވެސް ބައްލަވާލައްވައިފައެވެ.
