ރާއްޖޭގައި 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ގާއިމުކުރުމުގެ މަޝްރޫއު މިރޭ އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ގާއިމްކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްގީކުރާނީ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މި ސެންޓަރު ފަސް އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
އެމްއައިއެފްސީގައި 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
މި ކަމަށްޓަކައި ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ހަފުލާގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މަރުވާން އަލްހާޖެރީއެވެ.
އެމްއައިއެފްސީން ބުނީ އެ ތަނުގައި ހަރަކާތްތެރިވާ ކުންފިތަކުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެ ކަމަށެވެ.

