ހާއްސަ އެހީއަށް ބޭނުންވާ މީހުން މުޖުތަމައުގައި ޝާމިލްކުރުން އިތުރުކުރުމަށް އަންނަ އަހަރު ގައުމީ ޕްރޮގުރާމެއް ފަށަން ނިންމައިފިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު މިކަން އިއުލާނު ކުރެއްވީ، ’ޕީއެސްއެމް’އިން ގެނެސްދޭ ”ރައްޔިތުންގެ އަޑު“ ޕްރޮގުރާމުގެ ތެރެއިންނެވެ.
މި ހަފުތާގެ ޕްރޮގްރާމުގައި ބައިވެރިވި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ބުނީ، މަތީ ތައުލީމު ހާސިލުކޮށްގެން ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ލިބުމުގައި ދަތިވާ ކަމަށާއި، ބައެއް ދާއިރާތަކުން ވަޒީފާ ނުލިބޭ ކަމަށެވެ.
ރައީސް ވިދާޅުވީ ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވަޒީފާ ހޯދައިދޭން އިސްކަން ދެއްވާ ކަމަށެވެ. ކުރިއަށް ހުރި ދުވަސްތަކުގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ނުލިބޭ މައްސަލަތަކަށް ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
”މިހާރު ވެސް އަޅުގަނޑު ވާނީ ހުރިހާ އެމްޕީސްއިންނަށް ވެސް ދަންނަވައިފައި އަދި މިނިސްޓަރުންނަށް ވެސް ދަންނަވައިފައި ވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފުރުސަތުތައް ވީ އެންމެ ރަނގަޅަކަށް ފަހިކޮށްދީ ފަހި މާހައުލެއް ވަޒީފާ އަދާކުރާނެ ގޮތްތަކެއް ހަމަޖައްސައިދޭން،“ އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ހަވާސާވެފައިތިބި ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ހުރިހާ ދާއިރާއަކުން އަންނަ އަހަރު ގައުމީ ބޮޑު މަޝްރޫއެއް ފަށަން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ މަގުސަދަކީ ރައީސް ވިދާޅުވިގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުރިހާ ހިދުމަތެއް ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ފަހިކޮށްދިނުމެވެ.

