ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށް، އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިގޮތަށް ވިދާޅުވިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް އެ ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ، ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު ވެސް ސަސްޕެންޑުކޮށް، އެބޭފުޅުންގެ ސުލޫކީ މައްސަލައެއް  ބެލުމަށްފަހު، ޖޭއެސްސީން އިއްޔެ ވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައެވެ.

ޖޭއެސްސީން އެގޮތަށް ނިންމުމާއެކު،ވރައްޔިތުންގެ މަޖިލީހުން މާދަމާއަށް ކަނޑައެޅި އެޖެންޑާގައި ވަނީ ދެ ފަނޑިޔާރުންގެ މައްސަލަ ހިމަނައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވަނީ ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ގައުމުގެ ރައީސަކު ކުރާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށް ވިދާޅުވެފައެވެ.

”ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ތިޔަ ދިން ހަމަލާގައި ބައިވެރިވި ބޭފުޅުން އަދާކުރެއްވި ދައުރު ދިވެހި ޖުޑީޝަރީގެ ތާރީހުން ފޮހެވިގެންނުދާނެއެވެ.“ އޭނާ ވިދާޅުވިއެވެ.

ސުއޫދާއި މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.