މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) ވެގެންދާނީ، ކެރިގެން ނިންމާ ނިންމުންތަކާއި، ސާބިތު ބައިވެރިވުންތަކާއި، ގައުމީ މަގުސަދުގެ ތަރިކައަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްއައިއެފްސީ ގާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަތީ ފަންތީގެ ބައިނަލްއަގުވާމީ އިއްޒަތްތެރީންވެސް ބައިވެރިވެވަޑައިގެންނެވި، މި ރަސްމިއްޔާތުން ރަމްޒުކޮށްދެނީ ހިންމަތާއި، އުފެއްދުންތެރިކަމާއި، ބަދަލުގެ ރޫޙުން ތަފްސީލުކޮށްދޭ އާ ބާބެއްގެ ފެށުމެވެ.

އެމްއައިއެފްސީ ތައާރަފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އެ މަރުކަޒު ސިފަކުރައްވާފައިވަނީ، ފުރުސަތުތަކާއި، ވިލުންތެރިކަމާއި، ޝަރަފުވެރިކަމުން ދިވެހިން ބާރުވެރިކޮށްގެން ދިވެހި އިގުތިސާދު ސިންދަފާތުކުރުމަށް ކުރައްވާ މަސައްކަތައް ދެއްވާ އިތުބާރެއްގެ ގޮތުގައެވެ.

އަދި މިއީ، މާލިއްޔަތާއި، ދެމެހެއްޓެނިވި އަދި ހާޒިރީ ދިރިއުޅުމެއްގެ މަތީ ބިނާކުރާ މުސްތަގުބަލަކަށް ދިވެހިން ތައްޔާރަށް ތިބިކަން ދުނިޔެއަށް އަންގައިދޭ ނިޝާނެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވާފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަރުކަޒަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމުގައެވެ.

ދިވެހިން މި އާދަޔާ ހިލާފު ދަތުރު ފެއްޓީ، ސާފު އަމާޒެއް ހިފައި، ޔަޤީންކަމާއެކު، އީޖާބީ ވިސްނުމެއްގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ގައުމެއް ނޫންކަމަށާއި، ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިގްތިސާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ ”ސްމާޓް ޖަޒީރާ ގައުމެއް“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާޒީގެ މޮޑެލްތައް ނަކަލުކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ، ސަރަޙައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްއައިއެފްސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭކަމަށް ހިސާބުތަކުން ދައްކާ ހިނދު، އަދި އެއީ ގައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނެ މަޒުކަޒަކަށް ވެގެންދާނެ ކަމަށް އަންދާޒާ ކުރެވިފައިވާހިނދު، ސިނާއީ ގޮތުން ހުރި ފުރުސަތުތަކަށް ހަލުވި ދުވެލީގައި ވާސިލުވުމަށް ވެވޭ އެހީއަކަށް މި މަޒުކަޒު ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ހިއްސާކުރައްވާފައިވަނީ، އެމްއައިއެފްސީގެ އެހީގައި މުޖުތަމައުއަށް ދިރުންގެނުވައި، ދިވެހި އެތައް ޖީލުތަކަކަށް ފަހި ފުރުސަތުތައް އުފެދިގެންދާނޭކަމުގެ ތަސައްވުރެކެވެ.

ރޭގެ ރަސްމިއްޔާތުގައި، އެމްއައިއެފްސީ ގާއިމުކުރާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރެއްވީ ރައީސްގެ ކުރިފުޅުމަތީގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ.

އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން، މަރްވާން އަލްހަޖޭރީއެވެ.

އަދި ރައީސް ވަނީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.