ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.
އެޗްޑީސީން ބުނީ މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.
ރޭހުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 07 މެއި 2025 އެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 މެއި 2025 ގައެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.
އެގޮތުން، ރޭހުގައި ބައިވެރިވެގެން އެންމެ ގިނަ މަސް ބޭނޭ ޓީމަކަށް 21،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000 ރުފިޔާ އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހިނގާ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ.
އެގޮތުން، ހަފްތާއަކަށް ދިގު ދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.

