ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސޯޝަލް މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް( އެމްޕީއެލް) އިން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

އެ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ’ހާލު ކިހިނެއް؟‘ ޕްރޮގްރާމްގެ ތެރެއިން ދެނެގަނެވޭ ފަގީރު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް އެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.

ސޯޝަލް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ”އަސުރަށް“ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ފަގީރު ހާލަތުގައި އުޅޭ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރުގެ ހުރިހައި ކުންފުނިތަކާއެކު ވެސް އެ މިނިސްޓްރީން މަޝްވަރާ ކުރާނެ ކަމަށެވެ.

އެގޮތުން މިހައިތަނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ‏‏(ވެމްކޯ)އާއެކު މަޝްވަރާ ކުރެވިފައިވާއިރު، މިކަމުގައި ވެމްކޯއާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެމްކޯއާއެކު އެއްބަސްވީ މިދިޔަ މަހުގެ ތެރޭގައެވެ.

ސޯޝަލް މިނިސްޓްރީން ކުރިން ބުނިގޮތުގައި، މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއަށް އައްޔަންކޮށް މަސައްކަތްތަކަށް އަހުލުވެރި ވެސް ކުރެވޭ އިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ އެފަދަ ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަގީން ކުރެވިގެންދާނެއެވެ.

އަދި އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމާއި، ބަރޯސާވުން ކުޑަކޮށް، އަބުރުވެރިކަމާ އެކު ދިރިއުޅޭ އުފާވެރި އާއިލާތަކެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މި މަސައްކަތުގެ ތެރެއިން އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތުން އުޅެވޭނެ މަގު ފަހި ވެގެންދާނެ ކަމަށް ސޯޝަލް މިނިސްްޓްރީން  ބުނެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލެއް އެކުލަވާލެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައި ނިންމަވައިފައެވެ.