ޕްރިންސް ފަހަދް ސައުދު އަލްޝަލަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި، ފައިދާ ހުރި ދާއިރާތަކުން ސައުދީ އަރަބިއާއާ ރާއްޖޭގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސެންޓަރ (އެމްއައިއެފްސީ) ވެގެންދާނީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބަށްކަމުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާދެމެދު ވެވުނު އެމް.އައި.އެފް.ސީ އުފެއްދުމުގެ ޖޮއިންޓް ވެންޗަރ އެގްރީމަންޓާއި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގަތުމުން، އެކަމަށްޓަކައި ރައީސް އެ މަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ.
ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައުދީ އަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، ދެ ގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރަށް ތައުރީފުކުރައްވައި، ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

