މިއަދުން ފެށިގެން ހުޅުމާލޭގެ އޮރެންޖް ހިޔާގައި ހިންގަން ފެށި ތެލެސީމިއާ ސެންޓަރު ކުރިއަަށް އޮތް 10 ދުވަހުގެ ތެރޭގައި ހޮސްޕިޓަލެއް ގޮތަށް ހިންގަން ފަށަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި މިކަން ހާމަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާވިސް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގަން ނިންމާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ތެލެސީމިއާ ސެންޓަރު، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާ ކަމަށެވެ.
އެތަނުގެ ކަންކަން ރަނގަޅު ކުރަން ފެށުނު މަސައްކަތުގެ ދަށުން މިއަދާހަމައަށް އައިރު ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ޖާގައިގެ އިތުރުން އާ ސެންޓަރުގެ ވަސީލަތްތައްވެސް ރަނގަޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ތަނުގައި އިތުރު ވަސީލަތްތައް ހޯދުމަށާއި މުވައްޒަފުން އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
”ޖުމްލަކޮށް މުޅި ތަނަށް ބޭނުންވާ މުވައްޒަފުން ވެސް، ބާރަ ވަރަކަށް މުވައްޒަފުން އިތުރުކުރުމަށް ހުއްދަލިބި މިހާރު ދަނީ މަސައްކަތް ވެސް ކުރިޔަށް.“
މިއިީ ވަރަށް މުހިއްމު ބޭނުމެއްގައި ކުރާކަމެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ، މިއީ ކުދިންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކުރާ ކަމެއްކަން ފާހަގަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހުޅުމާލެއަށް ބަދަލުކުރުމުން ހުޅުމާލޭ ހޮސްޕުޓަލުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.

