ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދުއްވަމުންދިޔަ ހަތަރު ފުރޮޅުލީ އުޅަނދެއް ހުއްޓުވައި، އެ އުޅަނދުން ފެނުނު ބަނގުރާ ފުޅިތަކާއެކު ދެ ބިދޭސީއަކު ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދުއްވާފައި ދިޔަ AB1B C4278 އުޅަނދު ހުއްޓުވައި ބެލިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ 40 ފުޅި ފެނިފައިވާ ކަމަށާއި، އެއީ 500 އެމްއެލްގެ ފުޅިތަކެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އުޅަނދުން ދަތުރުކުރި ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި، ހައްޔަރު ކުރީ އިންޑިއާއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރުމުގެ އިތުރުން އެ އުޅަނދު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

