ވެރިރަށް މާލޭގެ ހ.ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ.މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ވީހައި ވެސް އަވަހަށް ނަގަން ބޭނުންވިޔަސް އެކަން ނުވެ އޮތީ ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ، އުމުރުން 21 އަހަރުގެ ޔުމްނުއާ ހަވާލާދީ، އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދައްކާފައިވަނިކޮށެވެ.
ބައެއް މީޑިއާތައް މެދުވެރިކޮށް، ޔުމްނުގެ އާއިލާ އިން އޭނާއާ ހަވާލާދީ ބުނީ، ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށެވެ.
ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލާ ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ބުންޏެވެ.
މިކަމާ ގުޅިގރން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ.
”އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ،“ ފުލުހުންގެ މައުލޫމާތު ދިނެވެ.
ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޔުމްނު ފުރާޅެއް މައްޗަށް ވެއްޓުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ޔުމްނުއާއެކު އެރޭ އުޅުނު އުމުރުން 21 އަހަރުގެ ޒުވާނާ، ރައުދު ވަނީ ހައްޔަރުކޮށްފައެވެ.

