އަނިޔާ އަދި އެކިކަހަލަ ގޯނާ ލިބެމުންދާ ކުދިންނަށް އެ މާހައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ބަދަލުކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިއަދު ކުށުގެ މާޙައުލުގައި ތިބި ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ނުވަތަ ވިކްޓިމުންގެ ގޮތުގައި ތިބި ކުދިންކަމުގައި ވުމުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ކަންކަން ނިންމާއިރު މި ހަގީގަތް ގަބޫލުކުރައްވަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ހަގީގީ ހާދިސާތަކުން މިސާލު ޖައްސަވައި އެކަމަނާ ވަނީ، މަރުގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު 14 އަހަރުގެ ކުއްޖެއް، އޭނާ ހައްޔަރު ކުރުމުގެ ކުރިން 191 ފަހަރު ކަމާބެހޭ އިދާރާތަކާ މުއާމަލާތް ކުރެވިފައިވާ މައްސަލައަކާއި، މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަހައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދައުވާ ކުރެވުނު މައްސަލައެއްގައި އެތެރެއިންނާއި ރާއްޖެއިން ބޭރުން އައި ޕްރެޝަރާއެކު އެކުއްޖާ މިނިވަންވި މައްސަލައެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ.

މި މައްސަލަތަކުން ރަމްޒުކޮށްދެނީ ކުދިންގެ ރައްކާތެރިކަމަށާއި އަވަސް ފިޔަވަޅުއެޅުމުގައި ނިޒާމީގޮތުން ފެއިލްވެފައިވުން ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

އަދި ސްކޫލްތަކާއި މައިންބަފައިން އަދި އަދުލު އިންސާފު ގާއިމުކުރާ މުވައްސަސާތަކުން އެ ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ އެކަމަށް އަވަސް އިޖާބައެއް ދިނުމަށް އެ ކަމަނާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މި ސަރަޙައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އަނިޔާވެރި ކުށްތައް މަދުވެފައި، ޖަލު ބަންދަށް ގެންދާ ނިސްބަތް މަތިކަމުގައި ވިދާޅުވިއެވެ.

އަދި ސިޔާސަތު ހަރުދަނާކުރުމަށް އެތައް އަހަރު ހޭދަކުރި ނަމަވެސް ޒުވާންއުމުރުގައި ކުށުގެ ވެށީގައި އުޅުމުން އެކަމުގެ އަސަރު ޖީލުތަކަށް ދެމިގެންދާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިކަމަށް ހައްލު ހޯދުމަށްޓަކައި ގެންގުޅޭ ވިސްނުން ބަދަލުކޮށް، އާއިލީ ބައިވެރިވުން ހަރުދަނާކުރުމާއި، ހާއްސަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރުކުރުމާއި، އަދި މުވައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވިއެވެ.

އަދި ނިޒާމުގައި ހުރި އެކިއެކި ފޫނުބެދޭ ކަންކަމާއި ހުރެ ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުސަތުތައް ނައްތާލައި، އެ ކުދިން އެކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް، ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

އެކަމަނާގެ މި ގޮވާލުމަށް ބޮޑު ތަރުހީބެއް، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި ގާނޫނީ ފަންނުގެ ބޭފުޅުންގެ އިތުރުން އިޖުތިމާއީ ހިދުމަތްތެރިންގެ ފަރާތުން ލިބިވަޑައިގެންނެވިއިރު އެ ބޭފުޅުންވެސް ވަނީ ކުޑަކުދިން ހިމާޔަތްކޮށް، ރިހެބިލިޓޭޓްކޮށް، ބާރުވެރިކޮށްދޭ އަދުލު އިންސާފުގެ ނިޒާމެއް އޮތުމުގެ މުހިންމުކަން ހިއްސާކުރައްވާފައެވެ.