ގދ. ނަޑެއްލާއިން މީހަކު ގެއްލިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ހޯދަމުން ދަނީ ހދ. ނޮޅިވަރަން، ސުހާނީ، އުމުރުން 34 އަހަރުގެ އާދަމް އިބްރާހީމް ކަމަށެވެ.

މި މީހާ ނަޑެއްލާއަށް ގޮސްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ހާއިރެވެ.

ނަޑެއްލާއަށް ކައިރިކުރި ”އިތުބާރު“ ނަމަކަށް ކިޔާ ދޯނިން އެ ރަށަށް ފޭބުމަށްފަހު އަނބުރާ އޭނާ ދޯންޏަށް އައިސްފައިނުވާތީ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 10:30 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ރިޕޯޓާ ގުޅިގެން ފުލުހުންގެ ޓީމެއް ރޭގެ ވަގުތެއްގައި އެ ރަށަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އަދި އެ ރަށުގެ އިތުރުން، އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށްތައް ބަލާފައިވާކަން ވެސް ފުލުހުން ހާމަކުރެއެވެ.

ގެއްލުނު މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.