ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނަރުހުންގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅު މިމޭރުމުން ކުރިއަށްގެންދަވަމުން، މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ނަރުހުންނަށް ފައިދާ ހުރި އެތައްކަމެއް، އިސްކަންދީގެން، މި ސަރުކާރުން ފަހިކޮށްދޭނެކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި، އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ފޮނުއްވާފައިވެއެވެ.

ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއްކަމުގައި އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ނަރުހުންގެ ހިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުޢާ، އެތައް ގުނައަކަށް އިތުރު، މާތް މަސައްކަތެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސް ވަނީ ނަރުހުންގެ ދުވަހާ ގުޅިގެން މީސް މީޑިއާގައިވެސް ތަހުނިޔާ ވިދާޅުވެ ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރުހަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ހިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުންކަމަށާއި، ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއިއެކު ކުރަމުންދަނީ މުޅި ގައުމު ފަޚުރުވެރިވާ މަސައްކަތެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.