އެއްވެސް ބަޔަކަށް، ގައުމަކަށް ނުވަތަ ޖަމާއަތަކަށް ނުދަރައި، ރާއްޖެ މިހާރު ކުރިއަރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި، ގައުމު ދަރުވައިލައި، އިގްތިސާދީ އަނދަވަޅަކަށް ވައްޓައިލިއިރު، މި ގައުމު ބަނގުރޫޓު ވުމުން ސަލާމަތް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ވެސް ގައުމު ބަނގުރޫޓު ވުމުން ސަލާމަތް ކޮށްދިނުން ކަމުގައެވެ.
މިނިސްޓަރު ދެއްކެވި ވާހަކައިގައި، ފާއިތުވި މަދު ދުވަސްކޮޅުތެރޭގައި މީގެ ކުރިން އެއްވެސް ވެެރިއަކަށް ނުކުރެވޭ ވަރަށް މަސައްކަތް ރައީސް މުއިއްޒު ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު މި މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ފައިސާ ޗާޕުނުކޮށް، އެއްވެސް ގައުމަކަށް ނުދަރާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ގައުމު ފުނޑާލާނެ ކަމަށާއި ވެރިކަމުން ފައިބައިފިނަމަ މަގުމައްޗަށް ނިކުމެ އެކި ސަކަރާތް ޖަހާނެ ކަމަށެވެ.
އެމްޑީޕީއާ ހިލާފަށް ޕީއެންސީ އިދިކޮޅުގައި އޮތްއިރު މަސައްކަތް ކުރީ ޒިންމާދާރުކަމާއެކީ ކަމަށާއި އިދިކޮޅުގައި އޮތަސް ވެރިކަމުގައި ތިއްބަސް ޒިންމާދާރު މަސައްކަތްތަކެއް ޕީއެންސީން ކުރާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

