ބަންކަރިންގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ހަލުވި ދުވެލީގައި ކުރެވެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު ފެށި ބަންކަރިންގެ ހިދުމަތުން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، މި ސިނާއަތް ކުރިއެރުވުމުގެ ގޮތުން، އިންޓަނޭޝަނަލް ބަންކަރިންގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކާއިއެކު މުހިންމު މަޝްވަރާތައް ވެސް ދަނީ ކުރެވެމުން ކަމަށެވެ.
”އިގްތިސާދު ޑައިވާސިފައި ކުރުމުގެ މަސައްކަތަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތް. މުޅިން އަލަށް މީގެ ކުޑަދުވަސްކޮޅެއް ކުރީން އެސްޓޯއިން ފެށި މި މަސައްކަތުގައި ހޯދަމުންދާ ކާމިޔާބަކީ މިސިނާއަތުގެ މުސްތަގުބަލަށްކުރެވޭ ވަރަށް ބޮޑު އުއްމީދެއް.“ ސައީދު ވިދާޅުވިއެވެ.
އެސްޓީއޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.
ވިޓޯލްއާ ގުޅިގެން އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތަށް ބޭނުންކުރަނީ ދެ ބޯޓެކެވެ.

