ސިއްހީ ވަސީލަތްތައް ތަރައްގީ ކުރުމަށް ތައިލެންޑާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲއެވެ. ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ އޮފް ހެލްތު ޑޭޝް-އިސް ކައުތޯންއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ދެމުންދާ ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާ ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
އަދި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށާއި، ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސާޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް ވެސް ތައިލެންޑުގެ އެހީ ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންއަށް ވެސް ތައިލޭންޑުގެ އެހީތެރިކަން ލިބިގެންދާނެއެވެ.

