އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހި މުޖްތަމައު އަކީ ސިއްހީ ގޮތުން ދުޅަހެޔޮ، ސިއްހަތު ރަނގަޅު މުޖްތަމައު އަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، މިއަދު ރައީސް އޮފީހުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު ތަސްދީގު ކުރެއްވި ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އެ ބިލުގައިވާގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި، ގަތުމާއި، ވިއްކުން މަނާ ވެގެންދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަކަން ރައީސް މިއަދު ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، މި ގާނޫނަށް އަމަލު ކުރަން ފެށުމުން، މި މައްސަލައަށް ވަށާ ޖެހޭ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ދުންފަތާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުވުމަށްޓަކައި ސަރުކާރުން ބޮޑު ހޭދައެއްވެސް ކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ.

ނަތީޖާއަކަށްވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމައުއަކަށްވުމެވެ.