ނައިބު ރައީީސް ހުސައިން މުހައްމަދު ލަތީފު އެމެރިކާގެ ހަވާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅަކީ ބްލޫ ޕްލެނެޓް އެލަޔަންސް (ބީ.ޕީ.އޭ)ގެ ޚާއްޞަ ދައުވަތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ބައިންލްއަގްވާމީ މޫސުމީ ބަދަލުތަކާ ގުޅޭ ގުޅުންތަކުގައި މުހިންމު ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފައެވެ.
ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމް ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.
އެމަނިކުފާނުވަނީ މޫސުމީ ބަދަލުތަކުގެ ކާރިސާތަކާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ގައުމުތަކަށް އައު އީޖާދީ ހައްލުތައް ހޯދުމަށް އާދަޔާ ޚިލާފު ވިސްނުންތަކުން ދުރުހެލިވެ، ބަދަލުވަމުންދާ ވިސްނުމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އަދި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ވާހަކަތައްވެސް އެމަނިކުފާނު ދައްކަވާފައިވެއެވެ.
މި ގައުމުތަކުގައި މޫސުމީ ބަދަލުތަކުގެ އަސަރުތަކަކީ ހަމައެކަނި ނަޒަރިއްޔާތުގެ ނުރައްކަލެއް ނޫންކަމާއި، އެއީ ބިންތަކާއި މުޖުތަމައުތައް އަލުން ބައްޓަންކުރަމުންދާ ހަގީގަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މިދަތުރުފުޅުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުންތަކަށްބަލާއިރު، ނައިބު ރައީސް ވަނީ ދިވެހިރާއްޖެއާއި ބްލޫ ޕްލެނެޓް އެލަޔަންސްއާއެކު އޮންނަ ގުޅުން ރަސްމީކުރައްވައި، ރިނިއުބަލް އެނާރޖީ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތު ބޭއްވީ ފެލޯޝިޕް ޕްރޮގްރާމްގެ އިފްތިތާހީ ހަފްލާގައެވެ.
ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެން.އޯ.އޭ.އޭ) އިނޯއީ ރީޖަނަލް ސެންޓަރަށް ޒިޔާރަތްކުރެއްވި ފުރަތަމަ ދިވެހި ނައިބު ރައީސްގެ ޝަރަފުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.
ޕެސިފިކް ފޯރަމުން ބާއްވާ، ހޮނޮލޫލޫ އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބެލެހެއްޓުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތަށް އަލުން އިލްތިޒާމުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އަދި ބްލޫ އިކޮނޮމީގެ ދަށުން ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ބައިނަލްއަގްވާމީ މޫސުމީ ބަދަލުތަކާ ގުޅޭ ފައިނޭންސްގެ ނިޒާމަށް އިސްލާހު ގެނައުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ. އަދި މިކަމަކީ ގައުމު ދެމިއޮތުމާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ނައިބު ރައީސް ވަނީ ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީ (އެޗްޖީއައިއޭ) ގެ އެގްޒެކެޓިވް ޑައިރެކްޓަރ ގްވެން ޔަމަމޯޓޯ-ލާއުއާއެކު ސްޓްރެޓެޖިކް މަޝްވަރާތަކެއް ކުރައްވާފައެވެ.

