ޖީލަކަށް ދުންފަތް މަނާ ކުރާ ގާނޫނު ތަސްދީގު ކުރެއްވީ ޖީލެއް ދުންފަތުން ސަލާމަތް ކުރުމަށް ކަމަށާއި، އެކަމުގެ ސަބަބުން ދުންފަތުގެ ވިޔަފާރި ކުރާ މީހުން ރައީސް ޑރ.މުހައްމަދު މުއިއްޒުއާ ދޭތެރޭ ހިތްހަމަނުޖެހުނަސް ފަރުވާލެއް ނެތް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު ތަސްދީގު ކުރެއްވި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވެގެން ދިޔުމުގެ އިތުރަށް، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާކުރެވޭނެއެވެ.
މިއަދުގެ ތާރީހީ ރަސްމިއްޔާތުގައި، ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިއާ ދުރަށް ވަޑައިގެން، އެހެން ވިޔަފާރިއަކަށް ބަދަލު ކޮށްލުމަށް ރައީީސް އެދިވަޑައިގެންނެވިއެވެ.
”އަޅުގަނޑާ ދޭތެރޭ ވަރަށް ހިތްހަމަނުޖެހޭ މީހުން އެބަތިބި. ހާއްސަކޮށް ދުންފަތް ވިއްކާ ފަރާތްތައް، އަޅުގަނޑަށް ފަރުވާލެއް ނެތް، މައްސަލައެއް ނެތް މިކަމުގަ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކާ ހުރެ އެތައް ބަޔަކު މަރުވަމުންދާކަން ފާހަގަކުރައްވައި، މުޅި ރާއްޖޭގައި ވެސް ގިނަވަމުންދާ ކެންސަރު ބައްޔާ ދުންފަތާ ގުޅުން އޮންނަކަން ހަނދުމަކޮށްދެއްވިއެވެ.
”މި ގާނޫނަށް އަމަލު ކުރަން ފަށާ ހިސާބުން، އަޅުގަނޑުމެންނަށް މި ޔަގީންކޮށްދެވެނީ، އަޅުގަނޑުމެންގެ މުސްތަގުބަލު، އިރާދަކުރެއްވިއްޔާ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރު ކުރެވޭ އެބަ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ، ރާއްޖޭގައި އުޅެނީ ފަސްލައްކައެއްހައި މީހުންކަން ފާހަގަކުރައްވައި، މި ކުޑަ އާބާދީ ދުންފަތާ ދުރު ކުރުވުމަކީ ކުރެވޭނެ ކަމެއް ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ދުންފަތުގެ ޖެނެރޭޝަން ބޭންއަށް އަމަލު ކުރަން ފަށާނީ، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

