ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުން ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށްދިޔަ ”މޯލްޑިވްސް އެކްސްޕޯ 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 6.6 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަމަށެވެ.
އެގޮތުން، ރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް އޮތްއިރު އެ ޒުވާނުންނަށްޓަކައި، ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް އެ އިންޑަސްޓްރީ މެއިންސްޓްރީމް ކުރުމަކީ ރައީސްގެ މުހިންމު ސިޔާސަތެއްކަމަށް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީއަށް ހާއްސަކުރެވިފައިވާ ސަރަހައްދެއް ގާއިމުކުރެވިފައި އޮތުމަކީ ރާއްޖޭގައި މި ސިނާއަތް ކުރިއަރުވަން ރައީސް ބޭނުންފުޅުވާ މިންވަރު ހާމަވާކަމެއްކަމަށެވެ.
ސައީދު ވިދާޅުވީ، ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރައީސްގެ ލަފާފުޅުގެ މަތިން ކުރެވެމުންދާ މަސައްކަތުން އުފެއްދުންތެރިކަމުގެ ނިސްބަތް 6.6 ބިލިއަން އެމެރިކާ ޑޮލަރަށް މިއަދު އިތުރު ކުރެވިފައިވާކަމަށެވެ.
އަދި އެ އަދަދު 1990 ވަނަ އަހަރުގައި ހުރީ 215 މިލިއަން ޑޮލަރުގައިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ސަބަބުން ރައީސްގެ މެނިފެސްޓޯގައި ވައުދުވެވަޑައިގެންނެވި ގޮތަށް ދިވެހި ވިޔަފާރިވެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ފަސޭހަކަމާއިއެކު ފޯރުކޮށްދީ، ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނެ ނިޒާމް ގާއިމްކުރެވިގެންދާނެކަމަށެވެ.

