ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން، އެތައް ބަޔަކު ބަނޑުހައިހޫނުކަމުގައި ދަނީ މަރުވަމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، ބަނޑުހައިހޫނުކަމުގައި މަރުވެގެންދިޔަ މީހުންގެ ތެރޭގައި 29 ކުޑަކުދިން ހިމެނޭ ކަމަށާއި، އޭގެތެރޭގައި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ކަމަށެވެ.

ބަނޑުގައިހޫނުކަމުގެ ސަބަބުން އިތުރު އެތައް ސަތޭކަ ބަޔަކު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ޣައްޒާގެ އެހީގެ ތަކެތި ވެއްދުމުގެ ފުރުސަތު އިޒްރޭލުން ދެނީ ވަރަށް ކުޑަކޮށެވެ. ބައިނަލްއަގްވާމީ ދުނިޔެއިން ކުށްވެރި ކުރަމުންދިޔައިރު ވެސް، ފާއިތުވި 11 ހަފްތާގެ ތެރޭގައި ވެސް އިޒްރޭލުން ވަނީ ޣައްޒާ އަށް އެހީގެ ޓްރަކުތައް ވަނަ ނުދީ ހިފަހައްޓައިފައެވެ.

މިހާރު މަދުންނަމަވެސް ޓްރަކުތަކަށް ޣައްޒާއަށް އެތެރެ ވެވޭއިރު، ބައެއް ބޭކަރީތައް އަލުން ވަނީ އޮޕަރޭޓު ކުރަން ފަށައިފައެވެ. ނަމަވެސް ފުށާއި، އެހެނިހެން އަސާސީ ތަކެތި ބޭނުންވާ މިންވަރާ ގާތަށް ވެސް އަދި ނުލިބެއެވެ.

އދ އިން ބުނެފައިވަނީ، ކާބޯތަކެތި އެކަށީގެންވާ މިންވަރަށް ނުލިބޭ ނަމަ، ޣައްޒާގައި 14،000 ކުޑަކުދިން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.