ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން ރަސްމީކޮށް ފުލުހުން އެދިފައި ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު، މަސްތުގެ ހާލަތުގައި ހުރެ ވެއްޓުނު ޔުމްނުއަށް ލިބުނު އަނިޔާތަކާއި ގުޅިގެން އޭނާ އަށް މެލޭޝިއާގައި ދަނީ އިތުރު ފަރުވާ ދެމުންނެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އޭނާގެ އާއިލާގެ ފަރާތުން އެއްބާރުލުން ނުދޭތީ ޔުމްނުގެ ބަޔާން މެލޭޝިއާ ފުލުހުންނާ ގުޅިގެން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު ބުނެފައެވެ.
ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ޔުމްނުގެ އާއިލާގެ ފަރާތުން އެކްޓިން ޕޮލިސް ކޮމިޝަނަރު ޑެޕިޔުޓީ ޕޮލިސް ކޮމިޝަނާ އިސްމާއިލް ނަވީންއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ފުލުހުން ނެރުނު ބަޔާނުގައި ހިމަނާފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތު ނޫން ކަމަށެވެ.
އެގޮތުން، ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ ކަންހިނގި ގޮތާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި، މައްސަލައިގެ ތަހުގީގެއް ނުހިންގައި، ޔުމްނު ވެއްޓުނީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނީ ވަކި މަގުސަދެއްގައި ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އަދި، ތަހުގީގުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ނެތް ކަމަށާއި ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަސްނާޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން، ޔުމްނުގެ ބަޔާނެއް ނެގުމަށްޓަކާ ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ޔުމްނު އަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ މިވަގުުތު އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން ވެސް އެނގެން އޮތްކަމަށް ވެސް ޔުމްނުގެ އާއިލާއިން ފޮނުވި ސިޓީގައި ވެއެވެ.

