ދިވެހިރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގަވާ ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފުލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު، މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފުލާ، ކުރިއަށް ދިޔައީ ފަރުކޮޅުފުށީގައެވެ.
މިރޭގެ ހަފުލާގައި، ސަންގުޓީވީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑް ހަވާލުކޮށްދެއްވުން އޮތެވެ.
އެގޮތުން ސަންގުޓީވީ ސްޓާފް އޮފް ދި އިޔަރ 2024ގެ އިނާމު ހާސިލުކުރެއްވި މާހަތު ހުސައިން ރަޝީދަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
އަދި މޯސްޓް ޕްރޮމިސިންގ އެމްޕްލޯއި 2024 ހާސިލުކުރެއްވި އާމިނަތު ވިރުޝާއަށް އެވޯޑް ހަވާލުކޮށްދެއްވީ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދުއެވެ.
އެކި ގޮތްގޮތުން ފާހަގަކުރެވޭ ކާމިޔާބީތައް ހާސިލުކުރެއްވި މުވައްޒަފުންނާއި، އެކި ގޮތްގޮތުން ސަންގުޓީވީއަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށްވެސް މިރޭގެ ހަފުލާގައި ހަނދާނީ ފިލާ ހަވާލުކޮށްދެއްވުން އޮތެވެ.
އެއަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ، ސަންގުޓީވީގެ އިސްވެރިންނާއި މުވައްޒަފުންނާއެކު، މުނާސަބަތަށް ހާއްސަ ކުރެވިފައި އޮތް ކޭކެއް ފަޅުއްވައިދެއްވައި، މިރޭގެ އިހުތިފާލާ ގުޅުވައިގެން ކުރިއަށްދިޔަ ހަވާ އެރުވުމުގެ ހަރަކާތް ބައްލަވައިލައްވައިފައެވެ.
ޕްރައިވެޓް މީޑިއާއެއްގެ ގޮތުގައި ސަންގުޓީވީ އުފެދިގެން އައީ އެޕްރީލް 30، 2015 ގައެވެ.
އޭގެ ފަހުން މިއަދާ ހަމަޔަށް ސަންގުޓީވީއިން އަންނަނީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާގައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ.
ސަންގުޓީވީގެ ކުޑައިގެ ދަށުން ޓީވީ ބްރޯޑްކާސްޓް ކުރުމުގެ އިތުރުން އޮންލައިން މީޑިއާ މަންސަތަކުގައިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިރޭގެ ހަފުލާގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮރމޭޝަން އެންޑް އަރޓްސް، އިބްރާހީމް ވަހީދުގެ އިތުރުން، ދައުލަތާއި މީޑިއާގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި ސަންގުޓީވީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

