ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ހައްޖުވެރިންގެ ކަންކަން ފަސޭހަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ހައްޖުވެރިންގެ ކަންކަން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިކަންކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފުލައިޓުގެ ހައްޖުވެރިންނަށް ރޭ ހައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީނު ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މާތް ﷲގެ އިރާދަފުޅާއެކު ދިވެހި ހައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަށް ނިންމެވިކަމީ ދިވެހިރާއްޖޭގެ ހައްޖުގެ ތާރީހުގެ ތެރެއަށް އަންނަ އެންމެ ފަސޭހަ ކަންތައްތަކަށް ވެގެންދާނެކަމަށެވެ.
މިނިސްޓަރުގެ ވާހަކައިގައި ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ހައްޖުވެރިންނާއި ޙިއްސާ ކުރައްވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަކަން ހައްޖުވެރިންނަށް އިހުސާސް ވެގެންދާނީ ޖިއްދާ އެއާޕޯޓުންކަމަށާއި ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ސައުދީ ސަރުކާރުގެ އިސްތިގުބާލު ކުރައްވާނެކަމަށާއި، އިމިގްރޭޝަންގެ ކަންކަމަށް އަދި ފޮށިތައް ނެގުމަށްވެސް ހައްޖުވެރިން އެއާޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ހައްޖުވެރިންގެ ހައްގުގައި ދިވެހި ސަރުކާރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަދި އިސްލާމިކް މިނިސްޓްރީން ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާނެކަމަށާއި، ހައްޖުވެރިއަކަށް ހާލަތެއް ދިމާވިނަމަވެސް ދިވެހި ސަރުކާރުން އެ ހައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި ހައްޖުވެރިންގެ ތެރެއިން މިއަހަރު ފުރާ ފުރަތަމަ ފުލައިޓުގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
އެ ދުވަހު އެއާޕޯޓުގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.

