މީގެ ކުރިން ގޭންގުތައް ނުހުއްޓުވުނީ، ސިޔާސީ ގޮތުން އެކަން ކުރުމުގެ ނިޔަތް ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކަށް ގޭންގުތައް ނުހުއްޓުވުނީ، އަމިއްލަ މަސްލަހަތަށްޓަކައި ގޭންގުތަކަށް ދީލާލާތީ ކަމަށެވެ.

”މި ރާއްޖޭގަ، މީގެ ކުރީގަ މި މައްސަލަ ހައްލު ނުވެ އޮތީ، އެ ޕޮލިޓިކަލް ވިލް ނެތިގެން.“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މީގެ ކުރީގައި ފެނިގެން ދިޔަ މަންޒަރު މި ސަރުކާރުގައި ނުފެންނާނެ ކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ، އިހުލާސްތެރިކަމާއެކު، ހަގީގީ މާނައިގައި، ގައުމުގައި ހުރި މިފަދަ ހުރިހައި މައްސަލައެއް ވެސް ހައްލު ކުރަން ކަމަށެވެ.

މިއަދު ތަސްދީގު ކުރެއްވި ބިލަކީ ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

ގޭންގް ޤާނޫނަކާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނަކަށް، 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަނީ އަމަލު ކުރެވެމުންނެވެ.

ނަމަވެސް މި 2 ގާނޫނުންވެސް ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެވިފައިނުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ މިއަދު މި ތަޞްދީޤުކުރެއްވި ގާނޫނުގެ ބޭނުމަކީ، ރައްޔިތުން އެދޭ ފަދަ ޙައްލެއް މިކަމަށް ގެނައުމެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ގާނޫނުގެ ސަބަބުން އަންނާނެ މުހިންމު ބައެއް ބަދަލުތަކުގެ ތެރޭގައި:

  • ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން، ގޭންގުތަކާއި އަދި ގޭންގްތަކާއި ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ކަނޑައެޅުން
  • ގޭންގުތަކަށް ފައިސާ ހަރަދުކުރާ މީހުން ހުއްޓުވުން
  • ގޭންގްތަކާއި ގުޅިގެން، ނުވަތަ އެނޫން ބޮޑެތި ކުށްކުށަށް އަރައިގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، އެގޮތުން ހޯދާފައިވާ ފައިސާއާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގުން
  • ގޭންގް ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ކުރިއަށްގެންދިއުން
  • ކުޑަކުދިން ގޭންގްތަކާ ގުޅުމާ، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން
  • ހާއްސަ މޮނިޓަރިން ކުރިއަށްގެންގޮސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވުން
  • ކުށްކުރާ މީހުން މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުވުން ހިމެނެއެވެ.

ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން މިދިޔަ 18 މަސްދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން، ގޭންގް ކްރައިމް އެންފޯސްމެންޓްގެ ނަމުގައި ވަކި ވިންގެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ޖުލައި 1، 2024 ގައި ގާއިމުކުރެއްވިއެވެ.

ގޭންގު ކުށްތަކާ ގުޅޭ މައްސަލަތަކުގައި މިދިޔަ 18 މަސްދުވަހު، ގްރޫޕުތައް އެއްވެ އުޅޭ ސަރަހައްދުތަކުން 31511 މީހުން ހުއްޓުވައި ސުވާލުކޮށް އެކި މައްސަލަތަކުގައި 180 މީހަކު ހައްޔަރުކުރެވި، އޭގެ ތެރެއިން 83 މީހަކާ ދެކޮޅަށް ދައުވާ އުފުލާފައިވެއެވެ.

މި މުއްދަތަށް ބަލާއިރު، ގޭންގު މާރާމާރީގައި، ﷲގެ އިރާދަފުޅާއެކު އެއްވެސް މީހެއްގެ ފުރާނަ ގެއްލިގޮސްފައެއްނުވެއެވެ.