މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ރަސްމީކޮށް މިއަދު ހަވީރު އިފުތިތާހުކޮށްދެއްވައިފިއެވެ.

މި ހަފުލާ އޮތީ އޮރެންޖް ހިޔާ ބިލްޑިންގގައެވެ.

މި ހަފުލާގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ޚިދުމަތް ދެއްވާ ފަރާތްތަކާއި، ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވައި އެބޭފުޅުންގެ ޝުއޫރުތައް އަޑުއައްސަވާފައެވެ.

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް މި ސަރުކާރުން އަންނަނީ ދެއްވަމުންނެވެ.

މިގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮތުމުން އެ މަޝްރޫއުއަށް ހާއްސަ ސަމާލުކަމެއް ދެއްވައި، އެ މަޝްރޫއު އަވަހަށް ކުރިއަށްގެންދިއުމަށް ސިފައިންނާއި ހަވާލުކުރެއްވީ ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާއެވެ.

ސިފައިންނާ ހަވާލުކުރުމުން އެބޭފުޅުން ވަނީ ގާތްގަނޑަކަށް 1 މަސް ދުވަސްތެރޭ އެ މަސައްކަތް ފުރިހަމަ ކުރައްވާފައެވެ.

މި ސެންޓަރުގެ ހިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ހިދުމަތް ފޯރުކޮށްދެއްވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެއެވެ.

އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާއެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކުރައްވާފައެވެ.

އަދި 5 ނަރުހުންނާއި، 6 ލެބް ޓެކްނީޝަނުން އިތުރުކުރެވި، ދާއިމީކޮށް ހުރުމަށް ފިޒީޝަނެއް ހަމަޖައްސާފައިވެއެވެ.

ހަމައެއާއެކު، އިދާރީ ބަޔަށްވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށްވެސް މުވައްޒަފުން ކުރިއަށްވުރެ އިތުރުކޮށްފައިވެއެވެ.

އިތުރުކުރެވުނު މި މުވައްޒަފުންނާއެކު، ސެންޓަރުން ހިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުންވެސް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް މިހާރު ވަނީ ތަޢާރަފުކޮށް އެފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ބަހުގެ ހިދުމަތް މިހާރު ވަނީ ދޭންފަށާފައެވެ.

މި މަހު ކުރިއަށްދިޔަ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ރައީސް މުއިއްޒު ވަނީ ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ހިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑުގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

އަދި މިހާރު ވަނީ އެކަން އެގޮތަށް ހަމަޖައްސަވާފައެވެ.

މީގެ އިތުރުންވެސް، މި އަހަރުގެ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި، މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އެންމެންވެސް ސާބިތުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި، އެކަން ހަގީގަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.