އިޒްރޭލުގެ އަނިޔާވެރިން ފަލަސްޠީނުގެ ޣައްޒާގެ އެކި ތަންތަނަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ދެމުން އަންނަތާ އެތައް ދުވަހެއް ފާއިތުވެފައިވާއިރު، ޣައްޒާގެ ރައްޔިތުންގެ ވޭނީ ދިރިއުޅުމުގެ އެތައް ވާހަކަތަކެއް މީޑިއާތައް މެދުވެރިކޮށް މުޅި ދުނިޔެއަށް ދަނީ ފެންނަމުންނެވެ. އެތައް ފޮޓޯއަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާއިރު، ފަރުދާގެ ފުރަގަހުގައި އަދި އެތައް ސަތޭކަ ކަމެއް ހިނގަމުންދާނެކަން ޔަގީނެވެ.

އަމިއްލަ ފުރާނައިގެ ސަލާމަތަށް ބެލުމެއް ނެތި، ޣައްޒާގައި ޒަޚަމްވާ އެތައް ބަޔަކަށް ފަރުވާ ދެމުން އަންނަ ހީވާގި ޑރ.އަލާ އަލް ނައްޖަރުގެ ވާހަކައަށް މީޑިއާތަކުގެ ސަމާލުކަން ހުއްޓުނީ، އޭނާގެ 10 ދަރިންގެ ތެރެއިން 9 ދަރިން އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ޝަހީދުކޮށްލުމުންނެވެ.

މިއީ އެއްވެސް މަޔަކަށް އުފުލަން ކެރޭނެ ވޭނެއްތޯއެވެ؟ އެ މަންމަގެ ހިތަށް ކުރާނެ އަސަރާއި، ވާނެ ދެރަ އަޅުގަނޑުމެންނަށް ކުޑަކޮށްވެސް  ވަޒަން ކޮށްލެވިދާނެބާއެވެ؟ ޑރ.އަލާއަށް މިވަރުގެ ހިތްދަތިކަމެއް ލިބުނުއިރު، އޭނާއަށް ހިތްވަރު ދޭން ހުރި ފިރިމީހާ، ޑރ.ހަމްދީ ވެސް ވަނީ ޔަހޫދީންގެ ހަމަލާގައި ޒަޚަމް ވެފައެވެ. ޑރ.ހަމްދީ އަކީ ވެސް، ޑރ.އަލާ ފަދައިން ޣައްޒާގައި މަސައްކަތް ކުރަމުންދިޔަ ހީވާގި ޑޮކްޓަރެކެވެ.

 

ޑރ.އަލާ ޒަހަމްވެފައިވާ އޭނާގެ ފިރިމީހާއަށް ޒިޔާރަތް ކުރަނީ- ފޮޓޯ/ ގެޓީ އިމޭޖަސް.

 

ޑރ.އަލާގެ ދަރިން މި ދުނިޔެއާ ވަކިވި ހަމަލާ އަމާޒުވީ، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގައި ހުންނަ އެމީހުންގެ ގެއަށެވެ. އިޒްރޭލުގެ ސިފައިން އެގެއަށް ދިނީ ވައިގެ ހަމަލާއެކެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ޑރ.އަލާ އޭނާގެ މަސައްކަތަށް ނުކުތީ 10 ދަރިން ވެސް ގޭގައި ބައިތިއްބައިފައެވެ. އެއީ އުމުރުން 11 އަހަރާއި 7 މަހާ ދެމެދުގެ ކުދިންނެވެ.

ޑ.އަލާ މަސައްކަތް ކުރަނީ، ނައްސަރު މެޑިކަލް ކޮމްޕްލެކްސްގެ އިމަޖެންސީ ރޫމްގައެވެ. ކޮންމެ ދުވަހަކު ވެސް އިޒްރޭލުގެ ސިފައިން އެތައް ބަޔަކަށް ހަމަލާދީ، ޒަޚަމްކުރަމުންދާއިރު، ޑރ.އަލާ އަވަދި ނެތި އުޅެނީ، ހޮސްޕިޓަލަށް ގެންނަ އެކި އުމުރުގެ މީހުންނަށް ފަރުވާ ދިނުމުގައެވެ.

އިމަޖެންސީ ރޫމްގައި މަސައްކަތް ކުރަމުންދިޔަ ޑރ.އަލާއަށް ފުން ހިތާމައެއް ލިބި، އޭނާގެ މުޅި ދުނިޔެ ހުއްޓުނީ، ލޯބިވާ ހަތް ދަރިން، ވަރަށް ބޮޑަށް ފިހިގެން ފަރުވާއަށް ހޮސްޕިޓަލަށް ގެނައުމުންނެވެ.

އެ ހަތް ކުދިން ވެސް ނިޔާވީ ޑރ.އަލާގެ ހިތް ރޮއްވައިފައެވެ. ދެން ތިބި އުމުރުން އެންމެ ދެ އަހަރާއި، ހަތް މަހުގެ ދެ ކުދިން މަރުވީ ހަމަލާތަކުގައި ބިމާ ހަމަކޮށްލި ޑރ.އަލާމެންގެ ގޭގެ ފާރުތައް ދަށުވެގެންނެވެ.

މި ހަމަލާގައި ސަލާމަތްވީ ޑރ.އަލާގެ އުމުރުން 11 އަހަރުގެ އާދަމް އެކަންޏެވެ.

މިފަދަ ހިތްދަތި އެތައް ކަމެއް ޣައްޒާގައި ދަނީ ހިނގަމުންނެވެ. ދަރިން އުފަން ވުމުގެ ނަސީބު ނުލިބި، މައިންގެ ބަނޑުގައި އޮއްވައި ވެސް ޝަހީދު ކުރަނީއެވެ. ރަހުމެއް، ހަމްދަރުދީއެއް، އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތީއެވެ. އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންނަމަވެސް، އިޒްރޭލު ކުށްވެރިކޮށްލުން ފިޔަވައި، އިތުރު އެއްވެސް ކަމެއް ކުރާން ނުކެރި، ދުނިޔޭގެ ގަދަ ބާރުތައް ތިބީ މަންޒަރު ބަލާށެވެ.