ތެލެސީމިއާ ބަލި ހުންނަ ކުދިންނަށްޓަކައި ކުރަންޖެހޭ ކަންކަން ގިނަ ކަމަށާއި، އެކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ މޯލްޑިވްސް ބްލަޑް ސަރވިސްގެ ހިދުމަތާއި ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ތެލެސީމިއާ ކުދިންނަށްޓަކައި ކުރަންޖެހޭ ކަންކަން އަދިވެސް ވަރަށް ގިނަ ކަމަށާއި ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ވެސް އެބަހުރިކަމަށެވެ.
ނަމަވެސް މިއަދު އެ ދާއިރާއިން ގިނަގުނަ ކާމިޔާބީތަކެއް ވެސް ހާސިލުވެފައިވާކަން ފާހަގަކުރައްވައި، އެކަމާ އުފާކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ، ގާތްގަނޑަކަށް 30 އަހަރު ބޭނުންކުރި ތެލެސީމިއާ ސެންޓަރު އިމާރާތުގައި ހިދުމަތް ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވީތީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ޝުކުރުއަދާކުރައްވައިފައެވެ.
އަދި ކުޑަދުވަސްކޮޅެއް ތެރޭގައި ރައީސްގެ އިސްނެންގެވުމާއެކު އެކަން ހަގީގަތަކަށް ހެދުމުގައި ޑިފެންސް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ކުރި ބުރަ މަސައްކަތަށް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.
އައު ތެލަސީމިއާ ސެންޓަރު ގާއިމުކޮށްފައި ވަނީ އޮރެންޖް ހިޔާގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

