ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބަދަލު ގެނެވިފައިވަނީ އިތުރު 93،000 ވަޒީފާ އުފެދިގެންދާނެ ގޮތަށްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ރަސްމީ ވެބްސައިޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރ، އަހުމަދު ޒިނަފް ވަނީ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލުތައް ތަފްސީލުކޮށް ވިދާޅުވެދެއްވައިފައެވެ.

އޭނާ ވިދާޅުވީ، ކުރިން އެކުލަވައިލި ހުޅުމާލޭގެ މާސްޓަރ ޕްލޭނުގައި 133000 ވަޒީފާގެ ފުރުސަތު އޮތްއިރު، ފަހުން ގެނެވުނު ބަދަލާއެކު 93000 ވަޒީފާ އިތުރުކޮށް، 224000 ވަޒީފާ އިތުރުކޮށްފައިވާނެ ކަމަށެވެ.

”މި ބަދަލު މި ގެނައީ، ކޮމާޝަލް ސްޕޭސްއާއި، އޮފީސް ސްޕޭސްތަކާއި އަދި މީހުން ވަޒީފާއަށްދާނެ އިތުރު ޓްރޭޑްސްތަކާ އެއްޗެހި އިތުރުކޮށްގެން.“ އޭނާ ވިދާޅުވިއެވެ.

ޒިނަފް ވިދާޅުވީ، ވަޒީފާގެ ބާޒާރަށް އިތުރު 93000 ވަޒީފާ އިތުރު ކުރެވިގެން ދިޔުމަކީ މާސްޓަރ ޕްލޭނަށް ގެނެވުނު ވަރަށް ހެޔޮ ބަދަލެއް ކަމުގައެވެ.

ހުޅުމާލެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ހުޅުމާލޭ ފޭސް 2 ގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭން، އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އަލުން ރިވައިޒްކުރުމަށްފަހު އެކުލަވާލާފައި މިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށެވެ.

އެގޮތުން ހުޅުމާލޭގެ ބިމުގެ ޖާގަ އިތުރުވުމާގުޅިގެން އެ ބިންތައް ބޭނުންކުރާނެގޮތްތަކާމެދު ގިނަ މަޝްވަރާތަކެއް އެޗްޑީސީން ކޮށްފައިވެއެވެ.