ހުޅުމާލޭގެ އައު މާސްޓަރޕްލޭނަކީ ދުރު ރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވޭނެ މާސްޓަރޕްލޭނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީ.ޅސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެތައް ގޮތަކުން ފަހިވެގެންދާނެކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން ހަގީގަތަކަށް ހެދުމުގައި، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރައްވައި، މި މޭރުމުން ބުރަ މަސައްކަތްތަކެއް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ހުޅުމާލެ ރިވައިސްޑް މާސްޓަރޕްލޭން އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ގްރޭޓަރ މާލޭ ސަރަހައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަކުރައްވާފައެވެ.
މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސްކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހުޅުމާލޭގެ ތަރައްގީގެ ކަންކަން ކުރިއަށްގެންދަންވާނީ، މިކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށާ، ރިވައިސްޑް މާސްޓަރޕްލޭނާއެކު އެ ފުރުސަތު ފަހިވާކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި މި ޕްލޭން ހަގީގަތަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން، ރައީސް ދެއްވިއެވެ.
ހަމަ މިއާއެކު، މިއަދުގެ ރަސްމިއްޔާތުގައި އިފްތިތާހު ކުރެވުނު، އެޗްޑީސީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓަކީ ހެޔޮވެރިކަން ކަށަވަރުކުރުމުގެ މޭރުމުން ހުޅުވިގެންދިޔަ މުހިންމު ދޮރޯއްޓެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މުހިންމު ބޮޑެތި ބަދަލުތަކާއެކު އެޗްޑީސީގެ އަޕްގްރޭޑްކުރެވިފައިވާ ވެބްސައިޓް، ރަސްމީކޮށް އިފްތިތާހުވކޮށްދެއްވީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު އުމަރެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި، އެ ތަންތަނުގެ އިސްވެރިންނާއި ޓީމަށްވެސް އެކި ބަދަލުތައް ގެންނަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ މަގުސަދަކީ ގުޑް ގަވަނަންސް ނުވަތަ ހެޔޮވެރިކަން ކަށަވަރުކުރައްވައި، ދެފުށްފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއްގެ ތެރެއިން ކުންފުނިތަކުގެ ހިންގުން ޔަގީންކުރެއްވުން ކަމުގައެވެ.
އެޗްޑީސީއިން މިހާރު މި ވަނީ އެ ބަދަލުތަކުގެ ފުރިހަމަ ފައިދާ ފެންނަން ފަށާފައިކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެޗްޑީސީގެ ވެބްސައިޓް ތަރައްގީ ކުރެވިފައި ވަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ވީހާވެސް އަވަހަށް އަދި އެހާމެ ލުއިފަސޭހަކަމާއެކު ލިބިގަނެވޭނެ ފަދަ ގޮތަކަށެވެ
އެގޮތުން މި ބަދަލުތަކާއެކު ބިލްޑިންގް އެޕްރޫވަލްސް އަދި ބިޑް އެޕްރޫވަލްސްގެ ދުވެލި ހަލުވިވެގެންދާނެއެވެ.
ހަމަމިއާއެކު ކުންފުނީގެ މަސައްކަތްތަކުގެ ހާމަކަން އިތުރުކުރުމުގެ ގޮތުން، މި ވެބްސައިޓްގައި، ވިސަލްބްލޯވަރ ޕޯޓަލްއެއްވެސް ވަނީ ހިމަނުއްވާފައެވެ.

