އިއްޔެ އިޒްރޭލުގެ ޔަހޫދީން ވަނީ ޣައްޒާގައި މީހުން ވަގުތީ ހިޔާވަހިކަމެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ސްކޫލަކަށް ހަމަލާދީ، ގިނަ ބަޔަނު ޝަހީދުކޮށްލައިފައެވެ.

މި ހަމަލާގައި ބޮޑެތި މީހުންނާ ކުޑަކުދިން ހިމެނޭހެން 36 މީހަކު ޝަހީދުވިއެވެ.

އަދި އިއްޔެ ފަތިހުން ފެށިގެން ޣައްޒާއަށް ދިން އެކި ހަމަލާތަކުގައި 50އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވެއެވެ.

އޭގެތެރޭގައި ޣައްޒާގެ އެންމެ ހަގު އިންފްލުއެންސަރު ވެސް ހިމެނެއެވެ. އެއީ އުމުރުން 11 އަހަރުގެ ޔަޤީން ހައްމާދެވެ.

ޓެލެގްރާމްގައި ފުރަތަމަ ދައުރުވެ، މިހާރު ވައިރަލްވެފައިވާ ވީޑިއޯ ފުޓޭޖަކުން ފެނިގެން ދިޔައީ، ގިނަ ބައެއްގެ ލޯތައް ކަރުނައިން ތެތްމައިލި މަންޒަރެކެވެ.

އެއީ ކުޑަ އަންހެން ކުއްޖަކު، އިޒްރޭލުގެ ހަމަލާގެ ސަބަބުން އަލިފާން ހިފާފައިވާ ސްކޫލް އިމާރާތުން ނުކުމެ، ސަލާމާާތްވާާން އުޅޭ މަންޒަރެވެ.

އެ ކުޑަ ކުއްޖާގެ އުމުރުން ފަހެއް ނުވަތަ ހަ އަހަރު ކަމަށް ބެލެވެއެވެ.

އޭނާގެ ކައިރީގައި ދިރިހުރި އިތުރު މީހަކު ވެސް އެ ވީޑިއޯ އިން ނުފެނެއެވެ. ވަށައިގެން ފެންނަނީ އަލިފާނެވެ.

އެ ތުއްތު ކުއްޖާ ސަލާމަތްވިކަމެއް ނުވަތަ ނުވާކަމެއް ވެސް ވީޑިއޯ އިން ނޭނގެއެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ ވައިރަލްވެފައިވާއިރު، އެއަށް ކޮމެންޓު ކުރަމުންދާ ގިނަ މީހުން ވަނީ، ވީޑިއޯ ފެނި، ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވާ މިފަދަ އެތައް ކަމެއްގެ ފޮޓޯއާ ވީޑިއޯ އަންނަނީ ދައުރުވަމުންނެވެ.