ހުޅުމާލެ ހޮސްޕިޓަލްގައި ތަރައްގީ ކުރަމުން އަންނަ 30 އެނދުގެ ޑަޔަލިސިސް ސެންޓަރުގެ މި އަހަރުގެ މިނިވަންދުވަހާ ދިމާކޮށް ހުޅުވުމަށް ނިންމައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ތަރައްގީ ކުރި 14 އެނދުގެ އިމަރޖެންސީ ރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، ޑަޔަލިސިސް ސެންޓަރަށް 30 އެނދު އިތުރު ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ.

އަދި މި އަހަރުގެ މިނިވަންދުވަހާ ދިމާކޮށް އެ ސެންޓަރު ހުޅުވާ ހިދުމަތް ދޭން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އެނދުގެ ދަތިކަން ހައްލުކުރުމުގެގޮތުން 28 އެނދުގެ ވޯޑެއް ގާއިމު ކުރުމަށް ރާވާފައިވާއިރު، އެ ހޮސްޕިޓަލުގައި މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް މި އަހަރު ފަށާނެކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރަށް އިތުރު 30 އެނދު އިތުރުކުރުމަށްޓަކައި ދެ ކުންފުންޏަކާ ހަވާލުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ދޭންފެށީ 2012 ވަނަ އަހަރުއެވެ.