އިޒްރޭލުގެ އަސްކަރިއްޔާއިން މުޅި ޣައްޒާ ސުންނާފަތި ކުރަމުންދާއިރު، އެތައް ބަޔަކު އެބައިމީހުންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވަނީ ވެފައެވެ.

އިޒްރޭލުގެ ސިފައިންގެ އަނިޔާވެރިކަން ފެންނަ އެތައް ތަސްވީރަކާއި ވީޑިއޯތަކެއް ކޮންމެ ދުވަހަކު ވެސް، އެކި މީޑިއާތަކުން ދަނީ ހިއްސާ ކުރަމުންނެވެ.

މިގޮތުން ހޯމަ ދުވަހު އިންޓަރނެޓުގައި ވައިރަލްވި ވީޑިއޯއެއްގައި ފެންނަނީ އިމާރާތެއްގެ ތެރޭގައި އަލިފާންގަނޑަކުން ސަލާމަތް ވުމަށް ކުޑަ އަންހެން ކުއްޖަކު ހިނގާލާފައިދާ މަންޒަރެވެ. ބޭރުގެ މީޑިއާ ރިޕޯޓުތަކުން އެނގުނު ގޮތުގައި، އެއީ އުމުރުން އެންމެ 6 އަހަރުގެ ވަރުދު ޖަލާލް ކިޔާ އަންހެން ކުއްޖެކެވެ.

އެ ކުއްޖާ ބެލެނިވެރިންނާއި އެއްބަނޑުއެއްބަފާ ކުދިންނާއެކު، ވަގުތީ ހިޔަލެއްގެ ގޮތުގައި އުޅެމުންދިޔަ ސްކޫލަށް އިޒްރޭލުގެ އަސްކަރީ ބާރުން ވަނީ ހަތަރު މިސައިލު ފޮނުވައިލައިފައެވެ.

އެ ހަމަލާތަކުގައި ވަރުދުގެ މުޅި އާއިލާ ކަހަލަ ގޮތަކަށް ޝަހީދުވެ، އޭނާ މިހާރު މިވަނީ ވަރަށް ބޮޑަށް އެކަނިވެރި ކޮށްލައިފައެވެ.

ވަރުދުގެ މަންމައާއި އެއްބަނޑުއެއްބަފާ ކުދިން ޝަހީދުވިއިރު، ސަލާމަތްވި ބައްޕަގެ ހާލަތު ވަރަށް ކްރިޓިކަލްއެވެ.

ވަރުދު ސަލާމަތް ކުރާ ވީޑިއޯއެއް ”އަލްޖަޒީރާ“ ނޫހުން ދެއްކިއެވެ. އެ ކުއްޖާ މީހެއްގެ ކޮނޑަށް ނަގައިގެން ގެންދާ މަންޒަރާއި، ހޭއަރާ މަންޒަރާއި، އެހީތެރިޔަކު، ވަރުދުގެ މަންމަ އާއި ބޭބެ ކޮބައިތޯ ސުވާލު ކުރާ މަންޒަރު ވެސް އެއް ވީޑިއޯ އިން ފެނެއެވެ.

އަދި އެ ކުއްޖާގެ ބައްޕަ ސަލާމަތްވެ، އެމްބިއުލާންސްގައި އޮތް ކަމަށް މީހަކު ބުނާ އަޑު އިވޭ ވީޑިއޯއެއްވެސް އަލްޖަޒީރާއިން އާއްމު ކުރިއެވެ.

މަންމަ ކޮބައިތޯ އެހުމުން ވަރުދު ވަނީ، އިޒްރޭލުން ހަމަލާ ދިން ސްކޫލަށް އަތުން އިޝާރާތްކޮށްފައެވެ. އަދި ބޭބެ ކޮބައިތޯ އެހުމުން ”ނޭނގޭ“ ‏ކަމަށް ބުނެ ”އެމީހުން އަހަރެންގެ އާއިލާ މަރާލީ“ ކަމަށް ވަރުދު ބުނެއެވެ.

ވަރުދުމެން އުޅެމުންދިޔަ ސްކޫލަށް ދިން ހަމަލާގައި 36 މީހުން ޝަހީދުވިއެވެ. އެއީ ރެފިއުޖީން އުޅެމުންދިޔަ ތަނެކެވެ.

ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 18 ކުޑަކުދިން ހިމެނެއެވެ. ހަމަލާ ދިނީ ރޭގަނޑުގެ ވަގުތުގައި ކަމުން ގިނަ މީހުންނަށް ސަލާމަތް ނުވެވުނީއެވެ. އޭރު ގިނަ މީހުން ތިބީ ވެސް ނިދާފައެވެ.

 

ަ

ަ