މި އަހަރުގެ ހައްޖު މޫސުމަކީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި އަދި އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މައްކާ ރޫޓު އިނިޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު އަށް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށެވެ.

މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ 235 ހައްޖުވެރިންނަށް ސައުދީ ސަރުކާރުން ވަނީ ހޫނު މަރިޅުހަބާއަކާ އެކު ވަރަށް ފުރިހަމަ މެހްމާންދާރީއެއް އަދާކުރައްވައިފައެވެ.

ހައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”‏އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ހައްޖު ދަތުރުވެސް ދިވެހި ހައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ހިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ. ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދާ މީހުން އިއްޔެ ވަނީ ފުރަން ފަށައިފައެވެ.

މި އަހަރު ހައްޖަށް ދާ މީހުންނަށް ”މައްކާ ރޫޓް އިނިޝިއޭޓިވް“ ގެ ދަށުން ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.