ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މިއަދު އިފްތިތާހު ކޮށްދެއްވި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެއެވެ.
މި ވިންގާ އެކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެނދުގެ ޖުމުލަ ޢަދަދު މިވަނީ 510 އަކަށް އިތުރުކުރެވިފައެވެ.
މިއަދުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާގެ ކުރިއެރުމަށް ރައީސް ދެއްވާފައިވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މާލެ ސަރަހައްދުގެ ސިއްހީ ބިނާރު ކުރިއެރުވުމުގެ ގޮތުން، ފާއިތުވެ ދިޔަ ދޮޅު އަހަރު ދުވަހު އައި.ޖީ.އެމް.އެޗަށް 194 އެނދު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، ކަމާގުޅޭ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ. ބިނާރެކޭ އެއްފަދައިން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރެއްވުމަށްވެސް އެމަނިކުފާނު އިސްކަންދެއްވާކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ. އެގޮތުން ދާއިރާއިން ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގައި ޢަބްދުއްރައްޒާޤު ހާމަކުރެއްވިއެވެ.
މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާހު ކުރެއްވުމަށް ފަހު ރައީސް ވަނީ އެ ވިންގް ބައްލަވާލައްވާފައެވެ.
އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް، ވަޒީރުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޯޑްގެ ޗެއަރޕަރސަން ޑޮކްޓަރ އަބްދުލްއަޒީޒް ޔޫސުފް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް، އެސިސްޓަންޓް މެޑިކަލް ޑިރެކްޓަރ އަދި ހެޑް އޮފް ދަ ޑިޕާޓްމަންޓް އޮފް ސަރޖަރީ ޑޮކްޓަރ މުހައްމަދު ވަހީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ނަރސިންގ މަރިޔަމް ޝިފާ، ބައިވެރިވެވަޑައިގަތެވެ.

