ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަނުކުރަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ޕޮލިސް ބޯޑުން ވަޒަންކޮށް ހޯމްލޭންޑް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ޝުޖާއު އިސްތިއުފާ ދެއްވީ، ފުރާޅެއްގެ މަތިން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ހަދާ ގޯސްތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

