ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން، ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ މުއައްސަސާތަކާ އެކު، ”އަމާން އައްސޭރި 2025″ގެ ނަމުގައި ކުރިއަށްގެންދިޔަ ގައުމީ ހަރަކާތް، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޓޭބަލްޓޮޕް އެކްސަސައިޒެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ދެ ދުވަހުގެ މި ހަރަކާތުގައި، ނޭޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެންޓީއާރްޕީ) ޓެސްޓްކޮށްފައިވެއެވެ.

މި އެކްސަސައިޒަކީ، ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރާއި، އެފަދަ ހާލަތެއްގައި މުވައްސަސާތަކުގެ މެދުގައި އެއްބާރުލުންދެވޭ މިންވަރު ދެނެގަނެ، ގާބިލުކަން ހުރި- ނެތް މިންވަރާއި، އެކަންކަން ހަރުދަނާ ކުރަން ނިންމަންޖެހޭ ނިންމުންތައް ދެނެގަތުމަށް ބޭއްވި މުހިންމު އެކްސަސައިޒެކެވެ.

”އަމާން އައްސޭރި 2025“ އާއި އެންޓީއާރްޕީ ގެ އަމާޒަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހުމިއްޔަތުކަމަށް އަމަލީ ސިފަ ގެނަސް، ގައުމީ ސަލާމަތަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާކުރުމެވެ.

މި ހަރަކާތުގައި ސަރުކާރުގެ 11 ވުޒާރާއެއް ތަމްސީލުކުރައްވާ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި އިސްވެރިން ވަނީ އިސްތިރާޖީ ފެންވަރުގެ މަޝްވަރާތައް ކުރައްވައި، އަމަލީ ނަތީޖާ ނެރެވޭ ފަދަ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ.

މިހިނގާ މޭ މަހުގެ 26 އިން 27 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ހަރަކާތް އިންތިޒާމުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުންނެވެ.

މިއީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ އޮފީހުން ބުނީ، މި ބައިވެރިވުމުން ރަމްޒުކޮށްދެނީ، ރައްކާތެރި، ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ގައުމުން ހިއްސާކުރާ އަޒުމު ކަމަށެވެ.