ހުޅުމާލޭގެ އާ މާސްޓާޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނިގޮތުގައި، އައު މާސްޓަރ ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16ގެ ނިޔަލަށް އޮންނާނެއެވެ.
އޮންލައިންކޮށް އެ ޕްލޭނަށް ހިޔާލު ހުށަހެޅޭނެ ކަމަށާއި ޕްލޭން ފައިނަލްކުރާނީ އާންމުންގެ ހިޔާލުތަކާއި ހުށަހެޅުންތަކަށް ބެލުމަށް ފަހުގައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލޭގެ ކުރީގެ މާސްޓަރ ޕްލޭންގައި 131،000 ވަޒީފާ ހިމަނައިފައިވާއިރު، އައު މާސްޓަރ ޕްލޭނާއެކު އިތުރު 93،000 ވަޒީފާގެ ފުރުސަތު ލިބި، 224،000 ވަޒީފާ އިތުރުވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގެ ރިވައިސްޑް މާސްޓަރ ޕްލޭންގައި އެތަނުގެ ބަނދަރުގެ ގޮތުގައި މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅައިފައެވެ.
އަދި ބަނދަރު ބޮޑުކުރާއިރު އެތަނުގައި ޒަމާނީ، ބޮޑު ފެރީ ޓާމިނަލެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

