ދިވެހި ވަތަނީ ހިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ ކަމަކަށްވުމާއެކު، މިކަމުގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތްކޮށްދެއްވައި، ބެލެނިވެރިންނާއި ރައްޔިތުން އުއްމީދުކުރާފަދަ ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީން ކޮށްދެއްވުމަށާއި، އެ ކުދިންނަކީ ގައުމިއްޔަތާއި، ދީނީ ކަންކަމަށް ލޯބި ކުރާ ބަޔަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު ދިވެހި ވަތަނީ ހިދުމަތުގެ މުދައްރިބުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ، ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ދިވެހި ވަތަނީ ހިދުމަތުގެ މުދައްރިބުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ވަތަނީ ހިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ، އިސްލާމް ދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ފަރުވާތެރި، ގައުމިއްޔަތުގެ ވިސްނުންހުރި، ގައުމަށް ބޭނުންތެރި، ރިވެތި އަހުލާގާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކޮށްދެއްވުމަށްވެސް އެދިވަޑައިގަތެވެ.

އެއްވެސް އިޝްތިހާރުކުރުމެއް ނެތިވެސް، މި ޕްރޮގްރާމަށް މިހާތަނަށް ނުވަސަތޭކައާ ގާތްކުރާ އަދަދަކަށް، ޒުވާނުން ކުރިމަތިލާފައި ވާއިރު، މިއީ، މިފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި ޒުވާނުންގެ މެދުގައި މި ޕްރޮގްރާމަށް އޮތް ތާއީދުގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ މިފަދައިން، ދިވެހި ވަތަނީ ހިދުމަތަކީ ދިވެހީން ބަލައިގަންނަ، ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލު، ނަމޫނާ ހަރަކާތެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދިއުމަށް ނުހަނު ބޭނުންފުޅުވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަރައްވައި، ޕްރޮގްރާމްގެ ބައިވެރިންނާއި ބެލެނިވެރިން، މި ޕްރޮގްރާމަށް ކުރާ އުންމީދު ހާސިލުވާނެހެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވުމަށް މުދައްރިބުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.

ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސަރވިސްއަކީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަހުލާގު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް މުއިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ވަރަށް ހާއްސަ ވަތަނީ މަޝްރޫއުއެކެވެ.

ދިވެހި ވަތަނީ ހިދުމަތުގެ މަގްސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.