ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މިއާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު ވުޖޫދުވީއެވެ.
ރައީސް މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ބިލު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރައްވާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

