”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައި އޮތް 4،000 ފުލެޓު ދޭނީ، އޭރުގެ ދާއިމީ ލިސްޓަށް ބަލައިގެން ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިން ކޮށްފައިވާ އިއުލާނުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް ކަމަށެވެ.
އަދި އިތުރު ލިސްޓެއް ނުނެރޭނެ ކަމުގައި ވިދާޅުވިއެވެ.
ނަމަވެސް، މި ލިސްޓަށް އަމަލުކުރުމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބައެއް ކަންކަމަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނުކަން ކަށަވަރުކުރުމަށް ބަލަމުން އައި މިންގަނޑު ވެސް ސަރުކާރުން މިހާރު ލުއިކޮށްފައިވާ ކަމަށެވެ.
އެގޮތުން، ފްލެޓުތަކަށް އިއުލާނުކުރި ތާރީހުން ފެށިގެން 15 އަހަރުގެ މުއްދަތުގެ ކުރިން މާލެއަށް ބަދަލުވިކަން އެނގެން އޮވެ، އޭގެފަހުން އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަން އެނގެން ނެތް މީހުން ބަލާނީ މާލޭގައި ދިރިއުޅުނު މީހުންގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ސަބަބުން ވަރަށް ގިނަ ބަޔަކު ޝަރުތު ހަމަވާނެ ކަމަށް ބެލެވޭ ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.