ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދު އިތުރު ކުރުމަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ކަންކަން ފަށާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ 7 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ ބިމުގައި 250 އެނދުގެ މަލްޓި ސްޕެޝަލިޓީ އާ ހޮސްޕިޓަލެއް އަޅަން ނިންމައިފައިވާކަން ސަރުކާރުން ހާމަކުރެއްވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ސަރުކާރުން ނިންމައިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ފަންގިފިލާގެ އިމާރާތާ އިންވެގެން 15 ފަންގިފިލާގެ އާ އިމާރާތެއް ހަދައި އެ ދެ ތަން ގުޅާލައި، 250 އެނދުގެ އާ ހޮސްޕިޓަލެއް އަޅާށެވެ.

”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން ގިނަ ބަޔަކު ހިދުމަތް ހޯދާއިރު، އެ ތަނުގައި ޖާގައިގެ ދަތިކަން އެބައޮތްކަމަށެވެ.

އެގޮތުން، ތިން ފިޔަވައްސަށް ބަލާއިރު، ހުޅުމާލެއަކީ ތިން ލައްކައެއްހައި މީހުން އާބާދު ކުރެވިގެންދާނެ ބޮޑު ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީގެ ހިދުމަތް ދެ ގުނައަށް ބޮޑު ކުރެވިފައިވާއިރު، ޖުލައި މަސް ނިމެންވާއިރު، އެ ތަނުން ދޭ ޑަޔަލިސިސްގެ ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ިއަދި މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށްދާއިރު، 24 އެނދު އިތުރު ކުރެވިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

”އަދި ޖުމްލަކޮށް، ވަކި އިމާރާތެއް، ވަކި ހޮސްޕިޓަލެއް، ހުޅުމާލެ ހޮސްޕިޓަލަށް އިތުރުވާ ބިލްޑިންއެއް 250 އެނދުގެ،  ހޮސްޕިޓަލު އެކްސްޕެންޝަންއެއް ވެސް ގެނައުމަށް އަޅުގަނޑުމެން މިހާރު އިނިޝިއަލް ނޫނިއްޔާ، ފުރަތަމަ މަރުހަލާގެ ތެރޭގައި، ކުރިއަށް މި ދަނީ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލާއި، އައިޖީއެމްއެޗު މިހާރު ހިންގަމުންދަނީ އެއް މެނޭޖްމަންޓެއްގެ ދަށުން، އެއް ތަނެއްގެ ސްޕެޝަލިސްޓުން އަނެއް ތަނަށް ވެސް ގެންގޮސްގެން ކަމަށާއި، މިކަމުގެ ސަބަބުން މި ސަރަހައްދުގެ ސިއްހީ ހިދުމަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މި ހޮސްޕިޓަލުތަކަކީ މީގެ ކުރިން އެއް ތަނުން އަނެއް ތަނާ ވާދަ ކުރަމުންދިޔަ ތަންތަން ކަމަށެވެ.

ރައީީސް ވަނީ ސިއްހީ ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.