ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފު، ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މިދަތުރުފުޅަކީ، ”ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ކޮންފަރެންސްގެ އިފްތިތާހީ ޖަލްސާގައި އެމަނިކުފާނު އިއްވެވި ބަޔާނުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަގުވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މިބަޔާނުގައި، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާ ތަކަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޖިކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ގަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ދަތުރުފުޅަކީ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަގްވާމީ މުޖުތަމަޢުގައި އިތުރަށް ހާމަކޮށްދިނުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ގައުމުތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ހަރުދަނާކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.

