އައިނު ވިއްކުމުގައި އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމުގެ ގޮތުން ސަރުކާރު ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)އިން އައިނު ވިއްކުމުގެ ވިޔަފާރި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ”ޕީއެސްއެމް“އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އައިނަށް އާސަންދައިން ދޫކުރާ މިންވަރު ބޮޑު ކުރުމާއެކު ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނެ ކަމަށެވެ.

މިގޮތަށް ނިންމެވީ، ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފަރާތުން އެކަމަށް އެދިފައިވާތީ، އެކަމާ ގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށް ފަހުގައެވެ.

”މީގެ އެޑްވާންޓޭޖް (ފައިދާ) ނެގުމުގެ ފުރުސަތެއް ނުދޭނަން އެއްވެސް ސެކްޓާއަކަށެއް. 1،000އިން 2،000އަށް ހެދީމައި ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތު އެބަލިބޭ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް،“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މި ނިންމުމާ ގުޅިގެން، ޕްރައިވެޓް ސެކްޓާގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ނުރުހުނަސް މައްސަލައެއް ނެތް ކަމުގައެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަށް ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ ފިލުވާލުން ކަމަށާއި އެ މަނިކުފާނަށް މުހިންމީ ރައްޔިތުންގެ ސިއްހަތު ކަމަށެވެ.