ރާއްޖޭގައި އޮސްޓްރޭލިއާގެ އެމްބަސީއެއް ހުޅުވައިފި

އޮސްޓްރޭލިއާއިން އެ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައިފިއެވެ.

އޮސްޓްރޭލިއާއިން ރާއްޖޭގައި އެމްބްސީއެއް ހުޅުވުމަށް ނިންމައި އެކަމުގެ ތައްޔާރީތައް ދިވެހި ސަރުކާރާ ގުޅިގެން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

އެ ގައުމުގެ ނައިބު ބޮޑު ވަޒީރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެގްރިކަލްޗަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއެވެ.

ރާއްޖެއަށް އޮސްޓްރޭލިއާއިން ސަފީރަކު ކަނޑައަޅައިފައިވީ ނަމަވެސް އެ ބޭފުޅާ ހުންނަވަނީ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީގައެވެ.

އޮސްޓްރޭލިއާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވިއިރު، އެ ގައުމާ ރާއްޖޭގެ ގުޅުން ދަނީ ވަރުގަދަ ވަމުންނެވެ.