ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ރިޕަބްލިކް އޮފް ކޮރެޔާ (ދެކުނު ކޮރެޔާ)ގެ އިންތިހާބީ ރައީސް، ލީ ޗޭއި-މައިޔޮންގް، އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ތަހުނިޔާ ފޮނުއްވައިފިއެވެ.
ދެކުނު ކޮރެޔާގެ އިންތިހާބީ ރައީސަށް، ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް ވިދާޅުވެ، އިންތިހާބުގެ ނަތީޖާއަކީ، ގައުމުގެ ހަމަޖެހުން ކަށަވަރުކޮށް، ކުރިއެރުން ދެމެހެއްޓުމަށް އިންތިހާބީ ރައީސް، ލީގެ ތަސައްވުރަށް، ދެކުނު ކޮރެޔާގެ ރައްޔިތުން ކޮށްފައިވާ ވަރުގަދަ އިތުބާރު ހާމަކޮށްދެނިވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.
އަދި އިންތިހާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ދެކުނު ކޮރެޔާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަމަސަލަސްކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެދިވަޑައިގެންފައެވެ.

