އަރަފާތު ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

މި އަހަރުގެ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހާ ގުޅިގެން، ރައީސް މުއިއްޒު ފޮނުއްވެވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މިއަދުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށެވެ.

”އަޅުގަނޑުގެ ދުއާ އަކީ މި ބަރަކާތްތެރި ހައްޖު ދުވަހުގެ ހެޔޮ ދަރުމައާއި ސަވާބު ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެމްމެންނަށް މިންވަރު ކުރެއްވުން.“ ރައީސް ވިދާޅުވިއެވެ.

އަދި އަޅުގަނޑުމެންގެ ހިތްތަކުގައި އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަން އާލާ ކުރެވި، އެކަން އަޅުގަނޑުމެންގެ ތެރޭގައި ބަދަހިވެގެން ދިޔުން އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދަކީ އަރަފާތު ދުވަސް ނުވަތަ ހައްޖު ދުވަސް ކަމުގައިވާއިރު، ހައްޖުވެރިން އަރަފާތުގައި ވަގުތުތައް ހޭދަކުރާނީ މާތް ﷲ ސުބްހާނަހޫ ވަތައާލާއަށް ތަލްބިޔާ ކިޔުމާއި އެކަލާންގެ ކިބައަށް ދުއާ ކުރުމާއި ޛިކުރު ކުރުމާއި އަސްތަޣްފާރު ކުރުމާއި ކީރިތި ޤުރުއާން ކިޔެވުންފަދަ ހެޔޮ އަމަލުތައް ކުރުމުގައެވެ.

މިއަދު ރޯދަ ހިފައިފިނަމަ، ފާއިތުވެ ދިޔަ އަހަރާއި، ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވާނެ ކަމަށް އަންގަވައިފައިވެއެވެ.