ހައްޖާޖީންނަށާއި އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ހަރަމްފުޅު ގަސްދުކޮށްގެން ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް، ދެއްވާ ހާއްސަ މެހެމާންދާރީއާއި ހިދުމަތްތަކަށް އަދި ފަހިކޮށްދެއްވާ ފަސޭހަތަކަށް ޓަކައި، ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށާއި، އެ ގައުމުގެ ސަރުކާރަށް ވަރަށް ހާއްސަ ޝުކުރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދާކުރައްވައިފިއެވެ.

ރައީސް ރަސްމީ އެކްސް އެކައުންޓުން، އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި، ސައުދީ އަރަބިއްޔާގެ މި އޯގާތެރިކަން އެމަނިކުފާނު ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ހިދުމަތްތަކެއްގެ ގޮތުގައެވެ. އަދި ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ސައުދީ އަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ހިދުމަތްކުރުމުގެ ތައުފީގު އަބަދުމެ ދެއްވުން އެދި ދުއާ ކުރައްވާފައި ވެއެވެ.

އަދި މި އިހުސާންތެރި ހިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެއެވެ.

ސައުދީ އަރަބިއްޔާއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސް މި ޕޯސްޓުގައި ކުރައްވާފައިވާ ދުއާގައި، ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ދިގު އުމުރުފުޅަކާއި، ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިއުމަތަށް އެދިވަޑައިގެންފައިވެއެވެ.

އަދި ހަސަދަވެރީންނާއި، ހިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސައުދީ އަރަބިއްޔާ ސަލާމަތްކޮށްދެއްވައި، އެ ގައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، އިއްޒަތްތެރިކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

ދިވެހިޙައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސަޢޫދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށް ދެއްވަމުންނެވެ.

ވަކީން ހާއްސަކޮށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި، ހާއްސަ ހުއްދައާ އެކު ދިވެހިރާއްޖެ ބައިވެރިކުރެއްވުމާއި ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ހައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ.

އަދި ހައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ހައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ހިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފައެވެ.