މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށާއި ގޮނޑުދޮށްތަށް ގިރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
ދުނިޔޭގެ ކަނޑުތަކާ ބެހޭ ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށެވެ.
އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑު ބައެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އެހެނިހެން ގޮތްގޮތުން އަޅުގަނޑުމެންނަށް އާމްދަނީ ލިބެނީ ކަނޑުގެ ސަބަބުން. މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މަހުގެ އާބާދީ ދަނީ ދަށްވަމުން.“ ރައީީސް ވިދާޅުވިއެވެ.
އަދި ގޮނޑުދޮށްތައް ހަލާކުވެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ފެން ހޫނުވެ، މަސްތައް އުޅޭ ސަރަޙައްދުތަކަށް ބަދަލު އަންނަމުންދާ ކަމަށާއި، އަދި ގޮނޑުދޮށްތައް ގިރަމުންދާކަން ފާހަގަކުރައްވާފައެވެ.
އަދި ކަނޑުތައް ދެނެގަތުމަށާއި، ރައްކާތެރިކުރުމަށް އަލުން އަޒުމް ކަނޑައެޅުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.

